އެމެރިކާގެ ކޯސްޓްގާޑުން 2021 ވަނަ އަހަރު ހިންގާ ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުން
01 އޮކްޓޯބަރ 2020 11:18

ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ''ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ހަ ބައިވެރިއަކު ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެކެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 01 ވަނަ ދުވަހުއެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2020 އޮކްޓޯބަރު 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް trgcoord@mndf.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.

މި ކޯހަށް ކުރިމަތިލާ ފަރާތްތަކަކީ، 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ޒަވާޖީ ޙަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުމާއި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއެކު ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނެއެވެ.

މީގެއިތުރުން، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އާއި އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL)  ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ދެ ޓެސްޓަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ދެ ޓެސްޓެވެ.

މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، ނޭވަލް އާރކިޓެކްޗަރ، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، މެރިން އެންޑް އެންވައިރަމެންޓަލް ސައިންސް، ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް، ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް ހިމެނެއެވެ. މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.cga.edu/ އިން ލިބިވަޑައިގަންނަވާނެއެވެ.

މި ކޯހާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް ހެޑްކްއޯޓަރޒް ފޯނު ނަމްބަރު 3322607 އަށް ގުޅުއްވާފައި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގ އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުޅުއްވައިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުން ލޯޑް ކުރެވޭނެ އެވެ.


Video : 4th Indian Ocean Conference...