
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވިޔަފާރިކުރާ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ.
މި ކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑުޝިޕް ބަނދަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ. އަދި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފަށް މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަޙްމަދު ޒާހިރެވެ.
މި ރަސްމިއްޔާތުގައި، ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ވަނީ ހަނދާނީލިޔުމެއް ހަވާލުކޮށްފައެވެ. މި ހަނދާނީލިޔުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
މި ރަސްމިއްޔާތުގައި ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމްގެ އިތުރުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް އަޙްމަދު ޒާހިރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި ސައިކަލްތަކަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ލިޓަސް މޯލްޑިވްސްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ސައިކަލް ތަކެކެވެ.
ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކޮށްފައިވަނީ އެ ކުންފުނިން އަލަށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާފައިވާ ހައޯޖޫ 125 ސީސީ ބްރޭންޑްގެ ސައިކަލުތަކެކެވެ.