ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ހަމަޖައްސަވައިފި
14 ޖެނުއަރީ 2021 17:27

އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމު ކަމުގައިވާ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ހަމަޖައްސަވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަޤާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގައި ކުރިން ހުންނެވި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި، އެ މަޤާމާ އަލަށް ހަވާލުވެލެއްވި ކޮމާންޑް ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އަށް ޚިދުމަތުގެ އައްޑަނަ ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި ޚިދުމަތުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.


Video : 4th Indian Ocean Conference...