
ކުޑަ ރިޔަލު ދޯންޏެއްގައި ކ.މާފުށިން އެކަނި މަހަށް ނިކުތް 81 އަހަރުގެ ފިރިހެން މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިން ފަށައިފިއެވެ.
މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 14:08 ހާއިރުއެވެ.
ޚަބަރެއް ނުވެގެން ހޯދަމުންދަނީ ކ.މާފުށީ ޝޭޑީގްރޯވ އުމުރުން 81 އަހަރުގެ އަޙްމަދު އާދަމް މަނިކުއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ މަހަށް ފުރާފައިވަނީ ރޭ ފަތިހު 05:30 ހާއިރުއެވެ. މި މީހާ މަހަށްފުރި ދޯންޏަކީ ހުދުކުލައިގެ ދަވާދުލައި ކަޅު ކުލައިގެ ފަށެއް ދަމާފައިވާ 18 ފޫޓުގެ ދޯންޏެކެވެ.
މަހަށް ނިކުތް މިމީހާ ހޯދުމުގެ މައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓާއި ސީއެއެމްބިއުލެސެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި މީހާއާއި އަދި މިދޯންޏާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވުން އެދެމެވެ.