ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވައިފި
25 ޖެނުއަރީ 2021 18:10

ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ.

ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކާނަލް ރޭންކުގައި ތިއްބެވި ސީނިއަރ ހަތަރު އޮފިސަރުންކަމުގައިވާ މުޙައްމަދު ޝަރީފްއާއި، އިސްމާޢީލް ޝަރީފްއާއި، ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަޙްމަދަށް ބްރިގޭޑިއަރ ޖެނެރަލް މަޤާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި ހަތަރު އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ. އަދި، މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވާހަކަފުޅު ދެއްކެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލައްވާފައިވެއެވެ.


Video : 4th Indian Ocean Conference...