ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
03 ފެބްރުއަރީ 2021 18:21

ސ.ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ މަަސް ބޯޓެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މަސް ބޯޓު އެ ސަރަޙައްދުގައި ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ދީފައިވަނީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ.މަރަދޫ "ރަސްކުރި" ނަމަކަށް ކިޔާ މަސްދޯންޏަކުން މިއަދު 14:27 ހާއިރުއެވެ.

މި ބޯޓު ފެނުނުކަމުގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ކާމިޔާބު" ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 16:25 ގައެވެ.

މިއަދު ފެނުނު މަސްބޯޓަކީ ސްރީލަންކާގެ މަސްބޯޓެކެވެ.މި ބޯޓު ބަލާ ފާސްކޮށް ބެލި ބެލުމުގައި، ބޯޓުގައި ތިބީ ސްރީލަންކާގެ 5 ފަޅުވެރިންނެވެ. އަދި މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ދަނީ ބަލަމުންނެވެ.


Video : 4th Indian Ocean Conference...