ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ދަނީ ކުރަމުން
14 ފެބްރުއަރީ 2021 14:27

ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކަލިންގއަށް ދިޔަ އަންހެން ފަތުރުވެރިޔެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް މިއަދު ވެސް ހުއްޓާނުލައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި އެ ރިސޯޓާ ގުޅިގެން ދަނީ ކުރަމުންނެވެ.

މި މީހާގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ 20:58 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ދަނީ އެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ. މިގޮތުން މިމަހުގެ 14 ވަނަ ދުވަހު، އެމްއެންޑީއެފް ޑޯނިއަރ ފްލައިޓު ބޭނުންކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެމަގުން ބެލިފައިވާއިރު، ޑައިވްކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑު ޑައިވަރުންނާއި އެ ރިސޯޓުގެ ޑައިވަރުން ވަނީ ބަލާފައެވެ. އަދި މީގެ އިތުރުން ކަނޑުމަގުން ވެސް މީނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ ރަތްމާ ޖެހި މޫދު ހެދުމެކެވެ.

މި ފަތުރުވެރިޔާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވައި، މި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވައިފިނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައިދެއްވުން އެދެމެވެ.


Video : 4th Indian Ocean Conference...