ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އަޒީޒް އަޙުމަދާ، ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވައިފި
01 އޭޕްރީލް 2021 13:34

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ބަންގްލަދޭޝްގެ އާރމީ ޗީފް އޮފް ސްޓާފްގެ ދައުވަތަކަށް މިހާރު ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ބަންގްލަދޭޝްގެ އާރމީ ޗީފް އޮފް ސްޓާފް، ޖެނެރަލް އަޒީޒް އަޙްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، ބަންގްލަދޭޝް އާރމީ ހެޑްކްއޯޓަރޒްއަށް ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ޝަރަފުގައި އެރުވި ގާރޑް އޮފް އޮނަރ ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ، ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި އެންމެހާ ދިވެހި ސިފައިންގެ ނަމުގައި އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުންތަކާއި އަދި ދިވެހިންނަށް ބޮޑެތި ދަތިތައް ދިމާވާ ކޮންމެ ފަހަރަކު އެ ޤައުމުގެ އަސްކަރިއްޔާއިން ވެދެއްވާ ފުރިހަމަ އެހީތެރިކަމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް ބަންގްލަދޭޝް އަސްކަރިއްޔާއަށް ޝުކުރުއަދާ ކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުގެ ފަރާތުން ކުރައްވާ މަސައްކަތްޕުޅުގައި އިތުރު ތަމްރީނު ފުރުސަތުތަކާއި އަދި އެހެނިހެން ފަންނީ އެހީތެރިކަން ހޯދުމުގެ މަޝްވަރާތައް ފުޅާދާއިރާއެއްގައި ވަނީ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ބަންގްލަދޭޝްގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދުގެ ވާހަކަފުޅުގައި، އެ ޤައުމަކީ ދިވެހިރާއްޖެއާ ވަރަށް ޚާއްޞަ ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެމްއެންޑީއެފަށް ބޭނުންވާ އަސްކަރީ އަދި ފަންނީ އެހީތެރިކަން ދެއްވުމުގައި ދެމިހުންނަވާނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މާރިޗު 30 އިން އޭޕްރީލް 6 ވަނަ ދުވަހުގެ ނިޔަލަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބަންގްލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ އަސްކަރިއްޔާގެ ޝަހީދުންނަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުން މިއަދު ހެނދުނު މިކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވަޑައިގަންނަވާފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ބަންގްލަދޭޝްގެ ނޭވަލް ޗީފް އޮފް ސްޓާފް އެޑްމިރަލް އެމް. ޝަހީން އިގްބާލާއިއެކު ޗީފް އޮފް ޑިފެންސް ފޯސް މިއަދު ވަކިން ބޭއްވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވައި، އެ ޤައުމުގެ ނޭވީގެ ފަރާތުން ލިބިލައްވާ ތަމްރީނު ފުރުސަތުތަކާއި އަދި ދިވެހިންނަށް ދިމާވާ ކާރިސާތަކުގައި ދެއްވާ އެހީތެރިކަމަށްޓަކައި ޗީފް އޮފް ޑިފެންސް ފޯސް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކުރިމަގުގައި ދިވެހި ސިފައިންނަށް ބޭނުންވާ އިތުރު ތަމްރީނު ހޯދުމާ ބެހޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.


Video : 4th Indian Ocean Conference...